މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެ، އެމެރިކާގެ މަނަވަރުތައް އެ ސަރަހައްދަށް މިސްރާބު ޖަހާފައިވަނިކޮށް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އެމެރިކާއާއި އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އީރާނުގެ އަސްކަރީ ކޮމާންޑަރު ޖެނެރަލް މުޙައްމަދު ޕަކްޕޫރު ވަނީ އިރާނަށް ހަމަލާއެއް ދެވިދާނެ ކަމަށް އެމެރިކާއާއި އިސްރާއީލުން އެއްވެސް ކުށް ހީއެއް ނުކުރުމަށް އިންޒާރު ދެއްވާފައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ ގާތްގުޅުމެއް އޮންނަ ނޫރު ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެނެރަލް ޕަކްޕޫރު ވަނީ އީރާނުގެ އަސްކަރިއްޔާ އޮތީ ކުރިއަށްވުރެ ބޮޑަށް ތައްޔާރީ ހާލަތެއްގައިކަމަށް ވިދާޅުވެފައެވެ.
”އެންމެ ހަމަލާއެއް އަޔަސް ވަގުތުން ބަޑިޖަހަން ތިބީ ތައްޔާރަށް،“ އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގައި މި ނުތަނަވަސްކަން އުފެދިފައިވަނީ އީރާނުގެ ފައިސާގެ އަގުވެއްޓުމާ ގުޅިގެން ޑިސެމްބަރު 28 ގައި ފެށުނު މުޒާހަރާތައް ހުއްޓުވުމަށް އީރާނުން ބާރުގެ ބޭނުންކޮށް، ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ތަކުރާރުކޮށް އިންޒާރު ދީ، ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާއި ހައްޔަރުކޮށްފައިވާ މީހުން މެރުމަކީ އަސްކަރީ ބާރު ބޭނުންކުރަން ޖެހިދާނެ ކަމެއްގެ ގޮތުގައި ބުނެފައެވެ.
އެމެރިކާގެ އަސްކަރީ މަސްދަރުތަކުން ބުނާ ގޮތުގައި، އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް އަބްރަހަމް ލިންކަން ހިމެނޭހެން ބޮޑު ފްލީޓެއް މިހާރު ދަނީ އިންޑިއާ ކަނޑުގައި އީރާނާ ދިމާލަށް މިސްރާބު ޖަހަމުންނެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށްވެސް ވަނީ ބުރޫއަރާފައެވެ. އެގޮތުން އެއާ ފްރާންސް، ލަކްސްއެއާ، ކޭއެލްއެމް އަދި ޓްރާންސޭވިއާ ފަދަ އެއާލައިންތަކުން ވަނީ ދުބާއީއާއި ތެލް އަވީވަށް ކުރާ ބައެއް ފްލައިޓްތައް ކެންސަލްކޮށްފައެވެ.
އީރާނުގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، މިއީ ފަހުގެ ތާރީހެއްގައި އީރާނުގައި ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުމެވެ. ހިއުމަން ރައިޓްސް އެކްޓިވިސްޓް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި މިހާތަނަށް 5,137 މީހުން މަރުވެ، 27,700 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ނަމަވެސް އީރާނު ސަރުކާރުން ބުނަނީ މަރުވީ 3,117 މީހުން ކަމަށާއި، އޭގެ ތެރޭގައި ގިނައީ ނިރުބަވެރިން ކަމަށެވެ.



