އިންޑިއާއަކީ ޗައިނާގެ ”ރަނގަޅު“ އަވައްޓެރިއެއް، ބައިވެރިއެއް އަދި ރަހުމަތްތެރިއެއްގެ ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ސިފަކުރައްވައިފިއެވެ.
ޝީ މިހެން ވިދާޅުވީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
އިންޑިއާގެ ރައީސަށް ފޮނުއްވި މެސެޖުގައި ޝީ ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ އާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ހަރުދަނާ ގުޅުމަކީ މުޅި ދުނިޔޭގެ ސުލްޙަ މަސަލަސްކަމާއި ފާގިތަކަން ދެމެހެއްޓުމަށް ނުހަނު މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
”އަވައްޓެރި، ރަހުމަތްތެރި ރަނގަޅު ގުޅުމުގެ އިތުރުން ރަނގަޅު ބައިވެރިންގެ ގޮތުގައި ދެ ގައުމު ދެމިތިބުމަކީ، ޗައިނާ އަދި އިންޑިއާއަށް ވެސް އެންމެ ރަނގަޅު ގޮތް،“ ޝީގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކޮށް، ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރެވޭނެ ކަމުގެ އުއްމީދު ވެސް އެމަނިކުފާނު ފާޅުކުރެއްވިއެވެ.
ދުނިޔޭގެ ނިއުކްލިޔަރ ވަރުގަދަ ދެ ބާރުގެ ގޮތުގައި އޮތް އިންޑިއާ އާއި ޗައިނާ ވަކިވެފައިވަނީ 3،800 ކިލޯމީޓަރުގެ ސަރަހައްދީ ރޮނގަކުންނެވެ. ދެ ގައުމުގެ ސަރަހައްދީ ރޮނގާމެދު 1950 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ވަނީ ޚިލާފުތައް އުފެދިފައެވެ. އެންމެ ފަހުން 2020 ވަނަ އަހަރު ހިމާލަޔާ ފަރުބަދަ ކައިރީގައި ހިނގި ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ 4 ސިފައިން ވަނީ މަރުވެފައެވެ.
ނަމަވެސް، އޭރު ހީނަރުވި ގުޅުން ރަނގަޅުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ދެ ގައުމުން ވަނީ މަތީ ފަންތީގެ ގިނަ ބައްދަލުވުންތަކެއް ބާއްވާފައެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް އަލުން ފަށައި، ވިޔަފާރީގެ ރޮނގުން ވެސް ގުޅުން ބަދަހިކުރުމުގެ އާ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.




