ފްރާންސް ގެ ލީގު ޗެމްޕިއަން ޕީއެސްޖީ އާއި އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ ރޮއްވާލުމަށްފަހު ޖަރުމަނުގެ ބޮރުސިއާ ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ޕީއެސްޖީ އާއި ޑޯޓްމަންޑު ބައްދަލުކުރި މެޗުގައި ޑޯޓްމަންޑުގެ ޑިފެންޑަރުން އެމްބާޕޭ އާއި ޑެމްބެލޭ ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކޮށް ކާމިޔާބު ކުރިއެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ތެރޭގައި ޑޯޓްމަންޑުގެ ބްރޭންޓް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެޔަށް ފޮނުވާލީ އެ ޓީމުގެ ޑިފެންޑަރު މެޓްސް ހަމެލްސް އެވެ.
ހަމެލްސް ގެ މި ގޯލުގެ ކުރިން ޕީއެސްޖީއިން ޑޯޓްމަންޑުގެ ގޯލަށް ވަރަށް ނުރައްކާ ކުރިއެވެ. ނަމަވެސް ހުށިޔާރު ކަމާއިއެކު ޑޯޓްމަންޑުގެ ޑިފެންޑަރުން ދިޔައީ ހަމަލާތަށް ދިފާއުކުރަމުންނެވެ. ޕީއެސްޖީ އިން ފޮނުވާލި ހަތަރު ހަމަލާއެއް ޑޯޓްމަންޑުގެ ގޯލު ދަނޑިއަށްވެސް އަމާޒުވިއެވެ.
މެޗުގައި ޖުމްލަ 30 ޝޮޓު ހެދި ޕީއެސްޖީ ގެ މެނޭޖަރު ލުއިސް އެންރިކޭ ބުނީ އޭނާގެ ޓީމުގެ ނަސީބު ނެތީ ކަމަށެވެ.
”އަހަރުމެންގެ ހަތަރު ޝޮޓެއް ދަނޑީގައި ޖެހުނު. 30 ޝޮޓު ޖުމްލަ ކޮށް ހެދުނު އިރު އެންމެ ގޯލެއްވެސް ނުޖެހުނު. ފުޓުބޯޅަ އަކީ ބައެއް ފަހަރު މިކަހަލަ އެއްޗެއް“ – މާޔޫސް ކަންމަތީ ހުރެ ލުއިސް އެންރިކޭ ބުންޔެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެެގެންދާނީ ޑޯޓުމަންޑުގެ ދެވަނަ ޗެމްޕިއަންސް ލީގު ފައިނަލަށެވެ. މީގެ ކުރިން ޑޯޓުމަންޑުން ޗެމްޕިއަންސް ލީގުގެ ފައިނަލެއް ކުޅެފައިވަނީ 2013 ގައި ޔޯގަން ކްލޮޕްގެ ކޯޗު ކަމުގެ ދަށުގައިއެވެ. އޭރު އެ ޓީމު ލީޑު ކުރީ މިހާރު ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ.
ޑޯޓުމަންޑުގެ މިހާރުގެ މެނޭޖަރު އެރިން ޓާރޒިކް ބުނީ ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ތަށި ނެގުމުގެ ހުވަފެން ކާމިޔާބުވާން ވަރަށް ކައިރިވެއްޖެ ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި މެދުވެސް ފަޚުރުވެރިވާ ކަމަށް އޭނާ ބުންޔެވެ.



