މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތުގެ ކުރެހުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ އިންޖިނިއަރިންގގެ މަސައްކަތްތަކާއި ކުރެހުމުގެ މަސައްކަތް މިހާރު ފުރިހަމަކޮށްފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހިންގި އިމާރާތް ހުސްކުރުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ބިމުގައެވެ.
މި މަޝްރޫޢުގެ ދަށުން 40 ކްލާސްރޫމްގެ އައު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ ”ސައްތަވީ ބިނާ“ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިޢުލާން ކުރެއްވި މަޝްރޫޢެކެވެ. ރައީސް ވިދާޅުވެފައިވަނީ މި އިމާރާތުގައި ހިމެނޭ ބައެއް ކްލާސްރޫމްތަކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ސްމާޓް ކްލާސްތަކަށް ވާނެ ކަމަށެވެ.
މީގެ އިތުރުން އެ ސްކޫލްގެ ދާރުލް އުލޫމަކީ ތައުލީމާ ގުޅުންހުރި ދާރުލްއާސާރަކަށް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުގެ ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސީއެޗްއެސްސީގެ އައު އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަރުހަލާގައި އޮތްކަމަށާއި، ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހުޅުމާލޭގައި އައު ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.
މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ފެޑޯ ޕްރައިވެޓް ލިމިޓެޑް އާއެވެ.




