ރާއްޖޭގެ ބްލަޑް ބޭންކުގައި ހުރި ލޭ އިންތިހާއަށް މަދުވެ، ބަލިމީހުންނަށް ބޭނުންވާ ލޭ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ.
މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން މިދިޔަ ބުރާސްފަތި ދުވަހު އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު، މިހާރު ހުރި ވަރުން ބަލިމީހުންނަށް ލޭ ނުދެވޭނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ލޭ ހަދިޔާކުރާ މީހުންނާއި ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ’ލޭ އެޕް’ އިން މިއަދު ބުނީ، ބްލަޑް ބޭންކުގައި ލޭ ހުރި މިންވަރު މަދުވުމުގެ ސަބަބުން ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ކޮންމެހެން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށްދިނުމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން، ލޭ ހަދިޔާކުރެވޭނެ ފަރާތްތަކުން އެއްވެސް ލަސްކުރުމެއް ނެތި ލޭ ހަދިޔާކުރުމަށް އެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.
ބްލަޑް ބޭންކުން ލޭ މަދުވާން ދިމާވި ސަބަބުތަކުގެ ތެރޭގައި ސްކޫލު ޗުއްޓީއާ ދިމާވެ ލޭ ހަދިޔާކުރާ މީހުން މަދުވުމާއި، އަލަށް ލޭ ހަދިޔާކުރާ މީހުންގެ އަދަދު މަދުވުން ހިމެނެއެވެ. މީގެ އިތުރުން މޫސުމީ ބަލިތަކާއި ވައި ނުސާފުވުމުގެ ސަބަބުން ގިނަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުމާއި، ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އާންމުކޮށް ލޭ ހަދިޔާކުރާ މީހުން މަދުވުމަކީ ވެސް މި ހާލަތު މެދުވެރިވި ސަބަބުތަކެއް ކަމަށް ލޭ އެޕުން ފާހަގަކުރެއެވެ.
ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ނަމަ އައިޖީއެމްއެޗް އިން އަދި ހުޅުމާލޭގައި ނަމަ އޮރެންޖު ހިޔާ ނުވަތަ ހުޅުމާލެ ހޮސްޕިޓަލުން އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ހުޅުމާލޭގެ އޮރެންޖު ހިޔާގައި ހުންނަ ބްލަޑް ބޭންކު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 08:00 އަށް ހުޅުވާފައި ހުންނާނެއެވެ.
މޯލްޑިވްސް ބްލަޑް ސާވިސަސްއިން ބުނި ގޮތުގައި، ލޭ ހަދިޔާކުރާ މީހުންގެ އުމުރުން 18 އަހަރު ފުރިފައިވާންވާނެއެވެ. އަދި ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުންނަންވާނެއެވެ. ލޭ ހަދިޔާކުރަން ދާއިރު މަދުވެގެން 6 ގަޑިއިރުގެ ނިދި ހަމަކޮށްފައިވުމާއި، ލޭ ހަދިޔާކުރުމުގެ އެއް ގަޑިއިރު ކުރިން ކައިގެން ހުރުމަށް އެ އިދާރާއިން އިރުޝާދުދެއެވެ.
އަދި ލޭ ނެގުމުގެ ކުރިން ލޭގެ ގްރޫޕު ދެނެގަނެ، ސިއްހީ ހާލަތު ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް އެ އިދާރާއިން ވަނީ ދީފައެވެ.




