މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ”ރޯދަ ބާޒާރު“ ހުޅުމާލޭގައި މިއަދު ފަށައިފިއެވެ.
އެޗްޑީސީ އާއި ހައިރައިސް ގުޅިގެން ކުރިއަށްގެންދާ މި ބާޒާރު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މި ބާޒާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ބާޒާރު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:30 އަށެވެ.

އެޗްޑީސީން ބުނިގޮތުގައި، މި ހަރަކާތުގެ ތެރެއިން މާދަމާ ހަބޭސް ބޮޑުބެރު ގްރޫޕްގެ ހާއްސަ ހުށަހެޅުންތަކެއް ފެނިގެންދާނެއެވެ.
ޖުމްލަ 49 ސްޓޯލަކާއެކު ކުރިއަށްދާ މި ބާޒާރުގައި ރޯދަމަހަށް ބޭނުންވާ ތަފާތު ގިނަ ސާމާނުތައް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ކައްކާ ތެއްޔާއި، ބަދިގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ގޭތެރެ ޒީނަތްތެރިކުރާ ސާމާނާއި، އަންނައުނު، ހާޑްވެއާ ސާމާނު އަދި ކާބޯތަކެތީގެ އިތުރުން އެހެނިހެން ވިޔަފާރިތައް ހިމެނެއެވެ.

މިއީ ރޯދަ މަހަށް ތައްޔާރުވުމަށް ގޭތެރެއަށް ބޭނުންވާ ތަކެތި ފަސޭހަކަމާއެކު އެއްތަނަކުން، އަދި ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެޗްޑީސީއިން ބުންޏެވެ.
އެޗްޑީސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ، އަދި އާންމުންނަށް ދިރިއުޅެން ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށެވެ.



