ނިމިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ގައުމަކަށް ރަޝިއާ ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އެ ގައުމުން އެކަނިވެސް 30,000 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފައެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރަޝިއާއިން ރާއްޖެއަށް އައިސްފައިވަނީ 23,000 ޓޫރިސްޓުންނެވެ. އެހެންކަމުން، މިއަހަރުގެ ޖެނުއަރީ މަހު އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު ވަނީ 7,000 އަށް އިތުރުވެފައެވެ.
ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ވެސް، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމުގެ ތެރޭގައި ރަޝިއާ ހިމެނޭއިރު، މިއީ ފަތުރުވެރިކަމުގެ ޕީކް ސީޒަނުގައި ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓެވެ.
ލިސްޓުގެ ދެވަނައިގައި އޮތް ޗައިނާއިން މިދިޔަ މަހު 24,000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 15,000 ޓޫރިސްޓުންގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޗައިނާއިން 39,000 އެއްހާ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީއިންނެވެ. އެ ގައުމުން ވެސް 24,000 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 2,000 ފަތުރުވެރިންގެ ކުރިއެރުމެކެވެ. އިޓަލީއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެސް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އަދި މިދިޔަ މަހަކީ ރާއްޖޭގެ ތާރީހުގައި ވެސް އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަހެވެ.
އެގޮތުން ޖެނުއަރީ މަހު 224,000 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 4.6 ޕަސެންޓުގެ އިތުރުވުމެކެވެ.




