މަސްވެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދީ، މަސްވެރިންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދެނީ މި ސަރުކާރުން ކަމަށް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ގދ. ފިޔޯރީގައި ގާއިމުކުރާ ދަޅުމަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގައި އެންމެ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަނީ ރާއްޖޭގައި ކަމަށާއި، ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގެ އެކްސްޕޯޓު މާކެޓުގައި ރާއްޖެއިން 50 އިންސައްތަ ހިއްސާކުރާ ކަމަށެވެ. ނަމަވެސް، މިހާތަނަށް މަހަށް އަގު ކިޔުމުގެ ބާރު ރާއްޖެއަށް ލިބިފައި ނުވަނީ ސިނާއަތުގެ އިންތިޒާމުތައް ހުރި ގޮތުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ހާލަތު ބަދަލުކުރުމަށް އަމަލީ ގޮތުން މަސައްކަތްޕުޅު ފައްޓަވާފައިވާ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ފެނިގެންދަނީ މަސްވެރިކަމުގެ ދާއިރާއަށް ފާގަތިކަން ލިބެމުންދާ މަންޒަރު. މަސްވެރިކަމަށް އައު އާރޯކަމެއް ލިބިގެންދާ މަންޒަރު. ރައީސް ކުރައްވާ މަސައްކަތާއެކު އެކި ބާޒާރުތަކުގައިވެސް ރާއްޖޭގައި މި ބާނާ މަހަށް އަގު ލިބުމުގެ އުންމީދު އާވެއްޖެ“ މިނިސްޓަރު ވިދާޅުވިއެވެ.
މަހުގެ އަގު ކަނޑައެޅުމުގެ ބާރު ހޯދުމަށްޓަކައި މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މިހާރު ހުރި 9,500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، 25,000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަމާޒު ހާސިލްވުމުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހުގެ އަގު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ފިޔޯރީގައި ކުރިއަށްދާ މަޝްރޫއަކީ މުޅި ސަރަހައްދުގެ މަސްވެރިންނަށް ބޮޑު މަންފާއެއް ކުރާނެ މަސައްކަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ސަބަބުން މަސް ކިރުވުމަށް ކޫއްޑޫއަށް ކުރަންޖެހޭ 40 މޭލުގެ ދަތުރާއި އެކަމަށް ހިނގާ ބޮޑު ހޭދަ ކުޑަވެގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގައި 3,000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރެވޭނެއެވެ. މިއީ ކުރިން ރައްޔިތުން އެދެމުންދިޔަ 500 މެޓްރިކް ޓަނަށްވުރެ މާ ބޮޑު ކުރިއެރުމެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ފަހުކޮޅަށް ފިޔޯރީގެ ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ވަސީލަތްތައް މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށް، އޭގެ ސީދާ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



