’ވަރލްޑް ގަވަރމަންޓްސް ސަމިޓް 2026‘ ގައި ދިވެހި ވަފުދުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ދުބާއީ އަށް ފުރާވަޑައިގެންފިއެވެ.
މި ސަމިޓު ކުރިއަށްދާނީ މި މަހުގެ 3 އިން 5 އަށް އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ.) ގެ ދުބާއީގައެވެ.
ވަރލްޑް ގަވަރންމަންޓްސް ސަމިޓަކީ ޔޫ.އޭ.އީ. ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އިސްނެންގެވުމުގެ މަތިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ.
”ޝޭޕިންގ ފިއުޗަރަ ގަވަރންމަންޓްސް“ މި ޝިޢާރުގެ ދަށުން ބާއްވާ މިއަހަރުގެ ސަމިޓުވެސް ވެގެންދާނީ ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް ވެގެންދާނެ ވަރަށް މުހިންމު ޕްލެޓްފޯމަކަށެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މި ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ. އާދެމެދު އޮތް ޒަމާންވީ އަޙްވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިސަމިޓުގެ ސަބަބުން ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ވަފުދުގައި، ދިވެހިރާއްޖެއިން ޔޫ.އޭ.އީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް، ސަފީރުގެ ނާއިބު ޙައްސާން ވަޙީދު އަދި އެސިސްޓެންޓް ޑިރެކްޓަރ ޢައިޝަތް ލީން ފަޒީޙް ހިމެނިވަޑައިގަންނަވައެވެ.



