ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މި މަހުގެ އެއްވަނަ ދުވަހު މާލެ ސަރަހައްދުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ) އާއި ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ) އެވެ.
މި މައްސަލާގައި އެކްސްޕްލޮއިޓް ކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ ކުޑަކުދިން ”ގްރޫމް“ ކޮށްގެންނާއި، އެކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.



