އެމެރިކާއާ އެކުގައި މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
އީރާންގެ ރައީސް ވިދާޅުވީ އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށް ގެންދަން ނިންމީ އެކުވެރި ގައުމުތަކުގެ އެދުމުގެ މަތިން ކަމަށެވެ.
އެކްސްގައި ނެރުއްވި ބަޔާނެއްގައި ޕެޒެޝްކިއަން ވިދާޅުވީ އެކަށީގެންވާ މާހައުލެއް އަދި އިންޒާރުތަކުން އެއްކިބާވެފައިވާ މާހައުލެއްގައި މަޝްވަރާ ކުރުމަށް އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއަށް އަންގަވާފައިވާނެ ކަމަށެވެ.
މި މަޝްވަރާތައް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހު ތުރުކީގެ އިސްތަންބޫލްގައި ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ ރައީސް މިހެން ވިދާޅުވެފައި ވަނީ އީރާނަށް ހަމަލާއެއް ދީފިނަމަ ސަރަހައްދީ ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ އިންޒާރު އެގައުމުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދެއްވާފައި ވަނިކޮށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނުގެ ނިއުކްލިއާ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ އިންޒާރު ދީފައިވާއިރު، އެ ސަރަހައްދުގައި ހަމަނުޖެހުން އުފެދުމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ މި މަޝްވަރާތައް ކުރިއަށް ގެންދާނީ ގައުމީ މަސްލަހަތު ހިމާޔަތްވާ ގޮތުގެ މަތިން، އިމުގެ ތެރެއިން ކަމަށެވެ.
އީރާންގެ ފޮރިން މިނިސްޓަރު ވެސް ވަނީ މި މަޝްވަރާތަކުން ކާމިޔާބު ޑީލެއް ހާސިލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަހަރު އެމެރިކާއިން ވަނީ އިރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށްގެން ’އޮޕަރޭޝަން މިޑްނައިޓް ހެމާ‘ ގެ ނަމުގައި ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އިސްރާއީލުން އީރާނުގެ ނިއުކްލިއާ ސައިންސްވެރިންނަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނަކާ ގުޅިގެންނެވެ.
އޭގެ ރައްދުގައި އިރާނުން ވެސް ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.



