ކ. އަތޮޅު ހުރާގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި، އެ ރަށުން އަލަށް ހިއްކާފައިވާ ސަރަޙައްދުން ގެސްޓްހައުސް ތަރައްޤީ ކުރުމަށް 25 ބިމެއް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.
ހުރާ ކައުންސިލުން ކޮށްފައިވާ ދެ އިއުލާނެއްގައިވާ ގޮތުން، ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން އަށް ބިމަކީ ހަމައެކަނި ހުރާގެ ރަށްވެހިންނަށް ޚާއްޞަކޮށްފައިވާ ބިންތަކެކެވެ.
ބާކީ ހުރި 17 ބިމަކީ އާންމުކޮށް ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ ބިންތަކެއް ކަމަށް ކައުންސިލުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން ހުރާ ކައުންސިލްގެ ރައީސް އީސާ އަޙްމަދު ވިދާޅުވީ، ގެސްޓްހައުސް އެޅުމަށް ދޫކުރާ ކޮންމެ ބިމެއްގައި 4000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި މި ބިންތައް ދިނުމުގައި އަމަލުކުރާނީ ޓޫރިޒަމް މިނިސްޓްރީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެވުޒާރާގެ އިރުޝާދުގެ ދަށުން ކަމަށް އީސާ ވިދާޅުވިއެވެ.
މީގެއިތުރުން އެ ސަރަޙައްދަށް ބޭނުންވާ ފެނާއި ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތަށް ފެނަކައިން ތައްޔާރުވަމުންދާކަން ވެސް އީސާ ފާހަގަކުރެއްވިއެވެ.
ހުރާގެ ރަށްވެހިންނަށް ޚާއްޞަ އަށް ބިމަށް ކުރިމަތިލުމަށް ބޭނުންވާ ބިޑު ފޯމެއްގެ އަގަކީ 10,000 ރުފިޔާއެވެ. މި ބިންތަކަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ 12:30 އާ ހަމައަށް ކުރިއަށްދާނެއެވެ.
މިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ހުރާ ކައުންސިލް އިދާރާގެ ހުރަވީ މާލަމުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
އާންމުކޮށް ހުޅުވާލާފައިވާ 17 ބިމުގެ ބިޑު ފޯމެއްގެ އަގަކީ 25,000 ރުފިޔާއެވެ. މި ބިންތަކަށް ބިޑު ހުށަހެޅުމަށް ބޭނުންވާ ފޯމުތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
މާލެއާ ކައިރީގައި އޮންނަ ހުރައަކީ މިހާރުވެސް ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުންދާ، ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެކެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބިދޭސީންނާއެކު އެ ރަށުގެ އާބާދީއަކީ 1,654 އެވެ.



