މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އަށް 7 ފަންގިފިލާގެ އައު އިމާރާތެއް އިތުރުކުރުމަށް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢެވެ. ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހުލާމް ރުޝްދީއެވެ.
މި އެއްބަސްވުމުގެ ދަށުން ސީއެޗްއެސްސީގެ އެނެކްސް އިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި މިހާރު އެ ސެންޓަރު ހިންގާ ބިމުގެ ބިށްދަށުގައި އޮތް ހުސް ޖާގައިގައެވެ.
ޖުމްލަ 51.6 މިލިޔަން ރުފިޔާގެ މި މަޝްރޫޢަކީ މަތީ ސާނަވީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، މާލޭގައި ކިޔަވައިދިނުމުގެ ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
7 ފަންގިފިލާއަށް އިމާރާތްކުރާ މި އެނެކްސްގައި ދަރިވަރުންނަށާއި މުދައްރިސުންނަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި 15 ކްލާސްރޫމާއި، 4 ސައިންސް ލެބް، ސްޓާފް ރޫމް، ލީޑިން ޓީޗަރުންގެ ކޮޓަރި އަދި އެޑްމިން އޮފީހެއް ހިމެނެއެވެ. މީގެ އިތުރުން 3 ލިފްޓާއި ޕާކިން އޭރިއާއެއްވެސް މި އިމާރާތުގައި ހުންނާނެއެވެ.
ސީއެޗްއެސްސީއަކީ 1979 ވަނަ އަހަރު ”ސައިންސް އެޑިއުކޭޝަން ސެންޓަރ“ގެ ނަމުގައި ހުޅުވުނު، ރާއްޖޭގައި މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ހުޅުވި އެންމެ ދުވަސްވީ މުއައްސަސާއެވެ. 2023 ވަނަ އަހަރު މި ސެންޓަރު ހުޅުމާލެއަށް ބަދަލުކޮށް، މާލޭގައި ހިންގި ސްކޫލް އުވާލި ނަމަވެސް، މާލޭގައި މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންނަށް ކުރިމަތިވި ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަލުން މާލޭގައި ކިޔަވައިދޭން ފެށުމަށް ނިންމަވާފައެވެ.
މި ނިންމެވުމާ އެއްގޮތަށް 800 އަށްވުރެ ގިނަ ދަރިވަރުންނާއެކު މާލޭ ސީއެޗްއެސްސީގެ ކިޔެވުން އަލުން ފަށާފައިވަނީ 2024 ގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.



