ކަނޑުއަޑިން ތިން އަތޮޅަކަށް ދަތުރުކޮށް، ދިވެހި ޑައިވަރު ޝަފްރާޒް ނައީމް ތާރީޚީ ދުނިޔޭގެ ރެކޯޑެޑައިވަރ ޝަފްރާޒްއް މިއަދު ގާއިމުކޮށްފިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން ”އެކްރޮސް މޯލްޑިވްސް 2026“ ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދުނިޔެއަށް އިޝްތިހާރުކޮށް، ރާއްޖެއަކީ އެޑްވެންޗަރ ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ކުރިއެރުވުމަށް ކުރިއަށްގެންދިޔަ ތާރީޚީ ހަރަކާތެކެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެށި މި ދަތުރަކީ ”ވިޒިޓް މޯލްޑިވްސް ބުކް އޮފް ރެކޯޑްސް“ އަށް މި އަހަރު ހުށަހެޅުނު ފުރަތަމަ ރެކޯޑް ގާއިމްކުރުމުގެ ހަރަކާތެވެ. މި ހަރަކާތުގައި ޝަފްރާޒް ވަނީ ދެ ރެކޯޑެއް ގާއިމުކޮށްފައެވެ. އެއީ ޑީޕީވީ ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ދަތުރުކުރުމާއި، އެއް މަސްދުވަހުގެ ތެރޭގައި ޑީޕީވީ ބޭނުންކޮށްގެން 450 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއަކަށް ދަތުރުކުރުމެވެ.
މި ހަރަކާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، މިއީ މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން ރާވައިގެން ކުރިއަށްގެންދިޔަ ކަމެއް ކަމަށެވެ. އަދި ޝަފްރާޒަކީ އިތުބާރު ހިފޭ ޑައިވަރަކަށް ވުމުން، މި ބޮޑު މަސައްކަތް އޭނާއާއެކު ކުރިއަށްގެންދަން ނިންމެވީ ކަމަށް ޝިއުރީ ފާހަގަކުރެއްވިއެވެ.
ރެކޯޑް ގާއިމުކުރުމަށްފަހު ޝަފްރާޒް ބުނީ، މިއީ މީގެ 20 ވަރަކަށް އަހަރު ކުރިން ފެށިގެން އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި މި ހުވަފެން ހަގީގަތަކަށް ހެދުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރިއެވެ.
މި ރަސްމިއްޔާތުގައި ޝަފްރާޒް ހާސިލްކުރި ރެކޯޑްތަކުގެ ހަނދާނީ ފިލާ އޭނާއާ ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމާއި ވިޒިޓް މޯލްޑިވްސްގެ އެމްޑީ އިބްރާހިމް ޝިއުރީއެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަކީ ”ކަނޑުގެ ގައުމެއް“ގެ ގޮތުގައި ދުނިޔެއަށް ދައްކާލައި، ކަނޑުގެ ދިރުންތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތު ކުރުމެވެ.
މުޅި ދަތުރުގެ ކަންކަން ވަނީ ޑޮކިއުމަންޓް ކުރެވިފައެވެ. މީގެ ތެރޭގައި ކަނޑުއަޑީގެ ވީޑިއޯގްރަފީއާއި، ދަތުރުގެ ތެރެއިން ޒިޔާރަތްކުރި ރަށްރަށުގެ މައުލޫމާތާއި، ރަށްރަށުގެ ކައުންސިލްތަކާއި ހޮޓާތަކުން ލިބުނު އެހީތެރިކަން ހިމެނެއެވެ. މިއީ ރާއްޖޭގެ ނަން ދުނިޔޭގެ ފެންވަރުގައި އުފުލާލުމަށް ފެށި ގައުމީ ފެންވަރުގެ ބޮޑު ކެމްޕޭނެއްގެ ފެށުމެއް ކަމުގައި ވިޒިޓް މޯލްޑިވްސްްއިންބުނެއެވެ.




