ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ސާފު ފެނާއި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ކަށަވަރުކޮށްދިނުމަށްޓަކައި ސަރުކާރުން އެކުލަވައިލި ”ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ“ މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ޤައުމީ ސިޔާސަތު އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ ފެނާއި ނަރުދަމާގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ތަފްސީލީ މަގުޗާޓެއް އެކުލަވައިލުމެވެ. އަދި ރާއްޖޭގެ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، މުޅި ރާއްޖޭގައި މި ޚިދުމަތްތައް ފުޅާކުރުމަށް މަގުދައްކައިދޭނެ ވަރުގަދަ އޮނިގަނޑެއް ގާއިމުކުރުމަކީވެސް މި ސިޔާސަތުގެ މުހިންމު ބޭނުމެކެވެ.
މި ސިޔާސަތަކީ ރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި އެ ވުޒާރާއިން ވިދާޅުވީ، މި އޮނިގަނޑުގެ ދަށުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.
މި ސިޔާސަތުގައި ހިމެނޭ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި:
- ގުދުރަތީ މީރުފެން ރައްކާތެރިކުރުން.
- ދާއިރާގެ ކުރިއެރުމަށް އައު އީޖާދުތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން.
- ފެނާއި ނަރުދަމާގެ ދާއިރާއިން އިތުރު ދިރާސާތައް ކުރުން.
- އިންސާނީ ވަސީލަތް ބިނާކުރުމަށް ޚާއްސަ އިސްކަމެއް ދިނުން.
ތިމާވެއްޓާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު، އާންމުން ހޭލުންތެރިކުރުމުގެ ފުޅާ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެކެވެ.



