އެމެރިކާއާއި އީރާނުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، މަސްރަހު ފިނިކުރުމަށް ތުރުކީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އުރުދުޣާން ވަނީ ދެ ގައުމުގެ ލީޑަރުން ސީދާ މަޝްވަރާތަކަށް އިސްކަންދެއްވުމަށް ބާރުއަޅުއްވާފައެވެ.
ރައީސް އުރުދުޣާން ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް ދެ ގައުމުގެ ދެމެދުގައި ހިނގާފައިވާ ހާރިޖީ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެކެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު ދެ ގައުމުގެ އެންމެ އިސްވެރިންގެ ފެންވަރުގައި ބާއްވާ ބައްދަލުވުންތަކެއްގެ ބޭނުންތެރިކަން މާ ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ނުތަނަވަސްކަން އިތުރުވިޔަނުދީ ހިފެހެއްޓުމަކީ މުޅި މެދުއިރުމަތީގެ ހަމަޖެހުމާ ގުޅިފައިވާ ކަމެއްކަންވެސް އުރުދުޣާން ފާހަގަކުރެއްވިއެވެ.
ތުރުކީން އަބަދުވެސް މަސައްކަތް ކުރާނީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކަމަށް ވިދާޅުވަމުން، އުރުދުޣާން ވަނީ ދެ ގައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތުރުކީން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރައްވާފައެވެ.
މަސްރަހު ފިނިކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެމެރިކާ އަދި އީރާނުން އަދިވެސް ދަނީ ހަރުކަށި ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އީރާނުން ބުނަމުންދަނީ އެ ގައުމު އޮތީ މަޝްވަރާގެ މޭޒަށް ދާން ތައްޔާރަށް ކަމަށެވެ. ނަމަވެސް، އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތައް ގަލްފު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާތީ، އީރާނުން ދަނީ އަސްކަރީ ގޮތުން ތައްޔާރުވަމުންނެވެ.
އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ގައުމަކީ އެހެން ގައުމަކުން ދީފާނެ ކޮންމެ ހަމަލާއަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ގައުމެކެވެ.




