ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއް ކަމަށާއި، އެއީ އިންސާނާ މަރުވުމަށް ފަހުގައި ވެސް އޭނާއަށް ސަވާބާއި ދަރުމަ ލިބިލިބި ހުންނާނެ މަތިވެރި އަމަލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ލޭ ހަދިޔާ ކުރުމަކީ ސަދަގާތެއް“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ވަނީ ލޭ ހަދިޔާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ބުނި ގޮތުގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ މަތިވެރި ޞަދަޤާތެކެވެ. އަދި ތިމާއަށް ކޮށްލެވޭ މިފަދަ ހޭދައެއްގެ ސަބަބުން ނިއުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަސީބު ލިބޭނެ ކަމަށާއި، ސުވަރުގޭގެ ނިއުމަތްތަކަކީ މާތް ﷲ ގެ އަޅާ އުފަލުން ފޮޅޭވަރުގެ މަތިވެރި ނިއުމަތްތަކެއްކަން ހުތުބާގައި ފާހަގަކުރިއެވެ.
މާތް ﷲ ގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، އެހީތެރިވުމަކީ ގިޔާމަތް ދުވަހުގެ ބިރުވެރިކަމާއި މުސީބާތްތަކުން ސަލާމަތްވުމަށް އޮތް މަގެއްކަން ހުތުބާގައި ހަނދާންކޮށްދިނެވެ. މިކަމާ ގުޅޭގޮތުން ރަސޫލާ صلى الله عليه وسلم ގެ ހަދީޘްފުޅެއްގެ މާނައިގައިވަނީ: ”ތިމާގެ އަޚާގެ ބޭނުންތައް ފުއްދައި ދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދައި ދެއްވުމުގައި ﷲ ދެމިވޮޑިގެންވެއެވެ. ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުޞީބާތެއް ދުރުކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ ދުރުކޮށްދެއްވާނެއެވެ.“
ހުތުބާގައި އިތުރަށް ބުނީ މުސްލިމުން އަބަދުވެސް ކުރިއަރައިދާންވީ އެހެން މީހުންނަށް ދިމާވާ ދަތިތަކާއި މުސީބާތްތައް ކުޑަކޮށްދިނުމުގައި ކަމަށެވެ. އަދި ދުނިޔޭގެ ވަގުތުތައް ހޭދަކުރަންވީ މިފަދަ ހެޔޮ އަމަލުތައް ކުރުމުގައި ކަމަށް ބުނެފައިވެއެވެ.
ބަލި މީހަކަށް ބޭނުންވާ ލޭ ހަދިޔާކުރުމަކީ އެމީހެއްގެ ފުރާނަ ސަލާމަތްކުރުން ފަދަ ކަމެއްގެ ގޮތުގައި ހުތުބާގައި ސިފަކުރިއެވެ. ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނައިގައިވާ ގޮތުން، އެންމެ ނަފުސެއް ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހައި މީސްތަކުން ދިރުވި ފަދައެވެ. މީގެ އިދިކޮޅަށް، ހައްގަކާ ނުލައި އެންމެ މީހަކު މެރުމަކީ މުޅި އިންސާނިއްޔަތު މެރުން ފަދަ ބޮޑު ފާފައެކެވެ.
ބަލިމީހެއްގެ ހަށިގަނޑަށް އަޅަންޖެހޭ ލޭ ނުލިބުމަކީ އެމީހަކު ދުނިޔެ ދޫކޮށް ދިއުމަށް މެދުވެރިވެދާނެ ސަބަބަކަށް ވާތީ، ލޭ ހަދިޔާކުރުމުގެ މަތިވެރި އަމަލުގައި ބައިވެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބާރުއަޅާފައެވެ.



