ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަމިއްލަ ފަރާތްތަކަށް އެ ދާއިރާގައި އިންވެސްޓް ކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ބަލާއިރު އެންމެ ސަމާލުކަން ދޭންޖެހޭ އެއް ސިނާޢަތަކީ ދަނޑުވެރިކަން ކަމަށެވެ.
މީގެ ކުރިން މި ސިނާއަތަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނުވުމުގެ ސަބަބުން އިޤްތިޞާދުގައި ދަނޑުވެރިކަމުގެ ހިއްސާ ދަށްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ މައިގަނޑު ބާވަތްތައް އާބާދީއަށް ބޭނުންވާ މިންވަރަށް އުފައްދައި، ފުޑް ސެކިޔުރިޓީ ޤާއިމްކުރުމެވެ.
”މިއަމާޒަށް ވާސިލްވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް ވަރަށް ފަހި މާޙައުލެއް މިހާރު ވަނީ ޤާއިމްކުރެވިފައި. އަދި ދަނޑުވެރިކަމުގެ ވިޔަފާރިތައް އިތުރުކޮށް، މިދާއިރާއަށް ޕްރައިވެޓް އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި“ ރައީސް ވިދާޅުވިއެވެ.
މި ސިޔާސަތުގެ ދަށުން ’ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް‘ މޮޑެލްއަށް ގއ. ކޮނޑޭ އަދި ކ. ކާށިދޫގައި ދަނޑުވެރިކަމުގެ މަޝްރޫޢުތަކެއް ފެށުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި ލ. ގަމާއި ހދ. ނޮޅިވަރަމުގައިވެސް މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދަން ހުޅުވާލާނެ ކަމަށް ރައީސް އިޢުލާން ކުރެއްވިއެވެ.
މި މަޝްރޫޢުތަކުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމާއި، އުފެއްދުންތައް ގަނެވިއްކުމުގައި ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. މީގެ ސަބަބުން ރަށު ފެންވަރުގައި މަސައްކަތްކުރާ ދަނޑުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކަށް ރަނގަޅު ބާޒާރެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ ދަނޑުވެރިކަން ސިންދަފާތު ކުރުމަށްޓަކައި ވެލިއު އެޑިޝަން ސެންޓަރުތައް އުފެއްދުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ބާވަތްތައް އާލާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.



