ބަންގްލަދޭޝްގައި ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން މީހަކު މަރުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްއްޔާ (ޑަބްލިއުއެޗްއޯ) އިން މިކަން ކަށަވަރުކޮށްދީފައިވާއިރު، މި ބަލި ބަންގުލަދޭޝްގައި އިތުރަށް ފެތުރުމުގެ ފުރުސަތު ކުޑަކަމަށް އެ ޖަމިއްޔާ އިން ވަނީ ހާމަކޮށްފައެވެ.
ޑަބްލިއުއެޗްއޯއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ބަލި ޖެހިގެން މަރުވެފައިވަނީ އުމުރުން 40 އާއި 50 އަހަރާ ދެމެދުގެ އަންހެނެކެވެ. ނައުގާއޮން ޑިސްޓްރިކްޓަށް ނިސްބަތްވާ މި އަންހެން މީހާގެ ކިބައިން ހުމާއި ނާރުގެ ބަލިތަކުގެ އަލާމާތްތައް ފެންނަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ހެދި ޓެސްޓުތަކުން ބަލި ޖެހިފައިވާކަން ކަށަވަރުވީ ޖެނުއަރީ 29 ގައެވެ.
މި ބަލި ޖެހުނު އަންހެން މީހާއަކީ ގައުމުން ބޭރަށް ދަތުރުފަތުރުކޮށްފައިވާ މީހެއް ނޫން ނަމަވެސް، ބަލި ޖެހުމުގެ ކުރިން އޭނާ ވަނީ ރޯ ކަދުރުން ތައްޔާރު ކޮށްފައިވާ ބުއިމެއް ބޮއެފައެވެ.
ބަންގްލަދޭޝްގައި އާންމުކޮށް މި ބަލި ފެތުރެނީ ވާލުގެ ޒަރީއާއިން ކަދުރު ތަޣައްޔަރުވެގެން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި މިހާރު ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިގޮތުން ބަލިޖެހުނު މީހާއާ ގާތުން ބައްދަލުވި 35 މީހަކު ޓެސްޓުކުރެވުނު އިރު، އެއްވެސް މީހެއްގެ ހަށިގަނޑުން ވައިރަސް ފެނިފައެއް ނުވެއެވެ.



