ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މާލޭގައި ތަރައްގީކުރަމުންދާ ”ކްރިއޭޓަރ ހަބް“ އިމާރާތް މިއަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އިމާރާތަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވަކިން ޚާއްސަކޮށް ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
”މި އިމާރާތުގެ 8 ވަނަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އިރާދަކުރެއްވިއްޔާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، މި އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވާނަން.“ މި މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
މި އިމާރާތް ވެގެންދާނީ ބީސީސީން ކުދި ވިޔަފާރިތަކަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ މަރުކަޒަކަށެވެ.
މީގެ ތެރޭގައި ވިޔަފާރިތަކަށް ބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތްތަކާއި، މަސައްކަތް ކުރާނެ ޖާގަތަކުގެ އިތުރުން އޮތެންޓިކް މޯލްޑިވްސްގެ މާލެ ފިހާރަވެސް މި އިމާރާތުގައި ގާއިމުކުރެވޭނެއެވެ.




