މި ދައުރުގެ ތެރޭގައި އައްޑޫ ސިޓީގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އައްޑޫގައި އަލަށް ގާއިމުކުރި އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު ފުޅާކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން އައްޑޫގެ އެކި ރަށްރަށުގެ ހެލްތު ސެންޓަރުތައް އަޕްގްރޭޑްކުރުމާއި، އިތުރު ގިނަ ހިދުމަތްތަކެއް ގާއިމުކުރުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި މަޝްރޫއުތަކުގެ ތަފްސީލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މަރަދޫ ހެލްތު ސެންޓަރު އަޕްގްރޭޑުކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި ފޭދޫގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަރުދާހަށް ތިރިކޮށް، އެ މަސައްކަތްތައް ތަރުތީބުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި މުހިންމު ކަންތައްތަކެއް އިއުލާނުކުރައްވާފަ އެވެ. އެގޮތުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ޕްރައިވެޓް ވޯޑް ހެދުމާއި، އެޑްމިން އިމާރާތަށް ޖާގަ އިތުރުކުރުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ މަރުކަޒެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އައްޑޫގެ ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެކި ބާވަތުގެ ތެރަޕީތައް އިންޓަގްރޭޓްކުރުމާއި، އޯޕީޑީ ހިދުމަތް ދެ ދަންފަޅިއަށް ބަދަލުކުރުމަށް ވެސް ސަރުކާރުން ވަނީ ރާވާފައެވެ.


