މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތު ޕާކިސްތާންގެ މިސްކިތެއްގައި ޖާނުންފިދާވެެގެން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި ހަމަލާ އަމާޒުކޮށްފައިވަނީ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޝިއީ މިސްކިތެއް ކަމަށްވާ ’ހަދީޖަތުލް ކުބްރާ’މިސްކިތަށެވެ.
މި ހާދިސާގައި ޖުމްލަ 32 މީހުން މަރުވެފައިވާއިރު، 160 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން ވަނީ ރިޕޯޓްކޮށްފައެވެ. ހަށިގަނޑުގައި ބޮމެއް ހަރުކޮށްގެން ދިން މި ހަމަލާއަކީ ފަހުގެ ތާރީޚެއްގައި އެ ސަރަހައްދުގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.
ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން އެކަކީ މި ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ އަފްގާނިސްތާނަށް ނިސްބަތްވާ މީހެއް ކަމަށެވެ. މި ހައްޔަރުކުރުންތަކަކީ މި ހަމަލާގެ ފަހަތުގައި ތިބި ފަރާތްތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މީހުން ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި، އެ މީހުން ފިލައިގެން އުޅުނު ތަން އިއްޔެ ވަނީ ރެއިޑްކޮށްފައެވެ. މި ރެއިޑްގެ ތެރޭގައި ހަނގުރާމަވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައި ކައުންޓަ-ޓެރަރިޒަމް އޮފިސަރަކު ވަނީ ޝަހީދުވެފައެވެ. އަދި މި ކުރިމަތިލުމުގައި އިތުރު ތިން އޮފިސަރަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕާކިސްތާންގެ ސަލާމަތީ ބާރުތަކުން މިހާރު ދަނީ މި ހަމަލާއާ ގުޅުންހުރި އިތުރު މީހުން ތިބިތޯ ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.




