ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީއެއް ގާއިމުކޮށް، އެ ތަނުން ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޚިދުމަތް ފަށާފައިވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ބްލަޑް ސަރވިސަސްގައެވެ.
މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ލެބޯރެޓަރީ ހުޅުއްވައިދެއްވީ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާޙިމްއެވެ.
މި ޚިދުމަތަކީ ރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ދަށުން، ލޭގެ ބަލިތަކަށް ޚާއްސަ ކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ތެލަސީމިއާއާ ގުޅޭ ޑީއެންއޭ ޓެސްޓިން ހެދެމުން އައީ އެންޖީއޯއަކުން ހިންގާ ކުޑަ ލެބޯޓްރީއެއްގައި ކަމަށެވެ. ނަމަވެސް މިއީ ސަރުކާރުގެ ސިއްޙީ ނިޒާމުގެ ތެރެއިން މިފަދަ ޚިދުމަތެއް ގާއިމުކުރެވުނު ފުރަތަމަ ފަހަރުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ލެބޯޓްރީގެ ސަބަބުން ތެލަސީމިއާގެ ފަރުވާ ރާއްޖޭގައި މުޅިން އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
”ކުރިން ނެހެދޭ އެތައް ޓެސްޓެއް ހެދޭނެ. އޮޓަމޭޓެޑް މެޝިންގެ އެހީގައި ހެދޭ ޓެސްޓްތަކެއް މިއީ. ކުރިން ރާއްޖެއިން ބޭރުން ހޯދަންޖެހުނު މި ޚިދުމަތް ރާއްޖެއިން ލިބެން ފެށުމުން، ރާއްޖޭގައި ތިބެގެން އެކި ސިއްޙީ މައްސަލަތަކަށް ފަރުވާ ހޯދުމުގެ މަގު ފަހިކުރުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް މިއީ،“ މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް ތެލަސީމިއާގެ ފަރުވާ ރާއްޖޭގައި ކުރިއަށްގެންދިއުމަށް ދެއްވާ އަހައްމިއްޔަތުކަން ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރުގެ އަމާޒަކީ ލޭގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ އެންމެހާ ތަހުލީލުތަކާއި ފަރުވާގެ ނިޒާމު ރާއްޖޭގައި ހަރުދަނާކޮށް، ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.



