ހަލާލް ޓޫރިޒަމް މޮޑެލަށް 3 ފަތުރުވެރިކަމުގެ ރިސޯޓު ތަރައްޤީކުރުމަށާއި، އިތުރު 13 ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.
ހަލާލް ޓޫރިޒަމް މޮޑެލަށް ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް 3 ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.
އެއީ ހދ. މަކުނުދޫ ފަރުން ފަޅުގެ 200 ހެކްޓަރުގެ ސަރަހައްދަކާއި، ލ. ފޮނަގާދޫ އަދި ސ. ދޮންހެރައާއި އެ ރަށާ ކައިރި 0.85 ހެކްޓަރުގެ ރަށެވެ. މި ތަންތަނަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 9:00 އެވެ.
ހަލާލް މޮޑެލްގެ އިތުރުން، އާންމު އުސޫލުން ރިސޯޓު ތަރައްޤީކުރުމަށް 13 ފަޅެއް ބީލަމަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހއ. އަތޮޅުގެ މާދުނި ފަރުގެ ތިން ސަރަހައްދަކާއި ކެލާ ފަޅުގެ ދެ ސަރަހައްދެއް ހިމެނެއެވެ. މީގެ އިތުރުން ހދ. އަތޮޅުގެ މަކުނުދޫ ފަރުގެ ދެ ސަރަހައްދަކާއި މާފަރު ފަރުގެ ތިން ސަރަހައްދެއްގެ އިތުރުން، ށ. އަތޮޅުގެ ގޮނާފަރުގެ ތިން ސަރަހައްދެއް ހިމެނެއެވެ.
މި ސަރަހައްދުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި ބީލަންތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތައް އޮންނާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ވަރޗުއަލްކޮށެވެ. ހަލާލް ޓޫރިޒަމްގެ މަޝްރޫޢުތަކާ ގުޅޭ ބައްދަލުވުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނައިރު، އެހެން ރިސޯޓުތަކާ ގުޅޭ ބައްދަލުވުން އޮންނާނީ އެ ދުވަހުގެ ހެނދުނު 11:00 ގައެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން planning@tourism.gov.mv އަށް އީމެއިލް ކުރެއްވުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.



