ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ”ޤަޟާޢީ އަހަރު 2026“ ރަސްމީކޮށް މިރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ޤަޟާޢީ އަހަރުގެ މަސައްކަތްތައް ފަށްޓަވައިދެއްވާފައެވެ.
ޤަޟާޢީ އަހަރު އިފްތިތާޙްކުރުމުގެ މަޤްޞަދަކީ އައު އަހަރަކަށް ކުރިމަތިލާއިރު، ފާއިތުވި އަހަރުގެ މަސައްކަތްތައް ވަޒަންކޮށް، ލިބުނު ތަޖުރިބާތަކުގެ އަލީގައި ޝަރުޢީ އަދި އިދާރީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އައު ލަނޑުދަނޑިތަކެއް ކަނޑައެޅުމެވެ. މީގެ އިތުރުން މިއީ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަށް ފުރުޞަތު ހޯދައިދިނުމަށް ކޮންމެ އަހަރަކު ބާއްވާ މުހިންމު އިޙްތިފާލެކެވެ.
މިރޭގެ ރަސްމިއްޔާތުގައި ޝަރަފުވެރިކަމާއެކު މުސްކުޅިކުރައްވާފައިވާ ފަނޑިޔާރުންގެ އަގުވަޒަންކޮށް، އެ ބޭފުޅުންނަށް ވަނީ ތަކްރީމް އަރުވާފައެވެ. އަދި ޝަރުޢީ ދާއިރާއަށް އެކި ރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކާއި، ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަނޑިޔާރުންނާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދާނީ ފިލާ ހަވާލުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ.
ޤަޟާޢީ އަހަރު އިފްތިތާޙްކުރުމުގެ މި ޕްރޮގްރާމަކީ 2021 ވަނަ އަހަރު ފިޔަވައި، ފާއިތުވި 9 އަހަރުވެސް މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ ޚާއްޞަ ޙަރަކާތެކެވެ.



