މިއަދު ބޭއްވުމަށް ތާވަލު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.
މިއީ މި ދައުރުގެ ދެވަނަ ޖަލްސާއެވެ. ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މި މަހުގެ 5 ވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހު އެޖެންޑާގައި ހަމައެކަނި އޮތީ މަޖިލީހުގެ ޖަލްސާތައް ފައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވައި ދެއްވުމެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މި އަހަރުގެ ދައުރު ފަށައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވި ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، މާދަމާ 09:00 ޖަލްސާއެއް އޮންނާނެކަން އިއުލާނުކުރައްވާފައެވެ. ނަމަވެސް އެ ޖަލްސާ މިހާރު ވަނީ ފަސްކުރެވިފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާ މާދަމާއަށް ފަސްކުރެވިފައިވާކަން، ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އޮފިޝަލު ވަނީ ”ސައުވީސް“ އަށް ޔަގީން ކޮށްދެއްވާފައެވެ. ނަމަވެސް ޖަލްސާ ފަސްވި ސަބަބު ސާފުކޮށްދެއްވާފައެއް ނުވެއެވެ.




