ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް، ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ޖަރުމަނުގެ ރައީސް ސްޓައިންމަޔަރގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުން ތަކުގައި ދިވެހިރާއްޖެއާއި ޖަރުމަނުލިވާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރައީސްގެ މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބަރލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަރސިޓީއަށް ވަޑައިގެން ”މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ“ ހިއްސާކުރައްވައި އެ ޔުނިވަރސިޓީގައި ތަޤުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ރައީސްގެ މި ދަތުރުފުޅުގައި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައި ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބިޒްނަސް ފޯރަމުގައި ދެޤައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މަޢުލޫމާތު ދެއްވާނެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅު މި ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.



