ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ގާނޫނުއަސާސާސީ އިސްލާހު ކުރުމަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެއްވެސް ބަދަލެއް ނުގެނެސް މިއަދު ނިންމައި ތަޅުމަށް ފޮނުވައިފިއެވެ.
މުޅިއަކު ފަސް މިނެޓަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް، ބަދަލެއް ނުގެނެސް، އެ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އިސްލާހު ފާސްކޮށްފައެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް މިދިޔަ ޖަނަވަރީ މަހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.
މި ބަދަލާއެކު، މިހާރު ހިނގަމުންދާ 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް މެންބަރު ފަލާޙް ހުށަހެޅުއްވިއެވެ.
ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 7ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ.
މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ރާއްޖޭގެ ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވެސް ވަނީ މި އިސްލާހާ ދެކޮޅުކަން ހާމަކުރައްވާފައެވެ.
ހަމައެއާއެކު މީގެ ކުރިން ސިޔާސީ ކަންކަމުގައި މާ ބޮޑަށް ޚިޔާލުފާޅުނުކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން އުޅެނީ ވެރިކަން ދިފާއުކުރުމަށްޓަކައި ކަމަށާއި، އެކަމަކީ އަމިއްލަ ދަހިވެތި ކަމުގައި ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް ވައްޓާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




