މި ފެށޭ ރޯދަ މަހުގެ އަޅުކަމަށް އިސްކަން ދިނުމުގެ ގޮތުން، ގދ. ތިނަދޫގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް މި އަހަރު ވެސް ނުބާއްވަން އެ ރަށު ކައުންސިލުން ރައްޔިތުންނަށް އަންގައިފިއެވެ.
މިކަމާ ބެހޭގޮތުން ތިނަދޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރޯދަ މަހު ތިނަދޫގެ ރައްޔިތުންގެ ފަރާތުން ރީތި މިސާލެއް ފެނުނު ކަމަށެވެ.
އެކަމަށް ޝުކުރު އަދާކޮށް ކައުންސިލުން ވަނީ މި ފެށޭ ރޯދައިގައި ވެސް ދުވާލުގެ ވަގުތުތަކާއި ވަކިން ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ނުބޭއްވުމަށް އަންގައިފައެވެ.
”ދުވާލުގެ ވަގުތު ވެސް، އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުން،“ ކައުންސިލުން ބުނެފައިވެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ކުރަން އަންގާފައިވާ ކަންކަން:
° ދުވާލު ރޯދައަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ވީހާވެސްބޮޑަށް ހަމްދަރުދީވެ އަޅާލުން
° ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން މަސައްކަތް ކުރުން
° ވީހާވެސް ބޮޑަށް އަޅުކަމަށް މަގުފަހިވާގޮތަށް މަސައްކަތް ކުރުން
° ނަމާދުތަކުގެ ޖަމާއަތުގެ ވަގުތުތަކާއި ތަރާވީހް ނަމާދާއި ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތުތަކަށް ފުށު ނާރާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރުން




