ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދެ ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
އެމްއެންޔޫއިން މިފަހަރު ޕީއެޗްޑީއަށް ފުރުޞަތު ހުޅުވާލާފައިވަނީ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގްގެ ދާއިރާއިންނެވެ.
މި ކޯސްތަކަށް އެދި އެޕްލިކޭޝަން ފޯމާއި، ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮފޯޒަލް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 26 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ކޯސްތަކަށް އެޕްލައިކުރުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ އެ ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލް. http://portal.mnu.edu.mv މެދުވެރިކޮށެވެ.
ޕްރޮފޯޒަލް ނުވަތަ ސްޓޭޓްމަންޓް އޮފް އިންޓެންޓް ތައްޔާރުކުރުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަލްފާޟިލް އާދަމް ޚާލިދުއާ ގުޅުއްވުމަށް ޔުނިވަރސިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތުން 3345454 ނަންބަރު ފޯނާ ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯދޭނެއެވެ.
މީގެ އިތުރުން، ކޯސްތަކާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބަޔަށް އީމެއިލް ކުރެއްވުމުން ނުވަތަ ހޮޓްލައިން ނަންބަރު 1445 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބޭނެއެވެ.
އަދި ޔުނިވަރސިޓީގެ ރަސްމީ ވެބްސައިޓް http://www.mnu.edu.mv އިންވެސް ކޯސްތަކުގެ ތަފްސީލު ފެންނަން ހުންނާނެ ކަމަށް އެ ޔުނިވަރސިޓީން މަޢުލޫމާތުދެއެވެ.


