ޕާކިސްތާނުގައި ބޭއްވި ނުވަ ވަނަ ”އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026“ ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ހޯދި ކާމިޔާބީ އަކީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފެބުރުއަރީ ފަހަކުން ހަތަކަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު، ޕަބި، ގައި ކުރިއަށްދިޔަ އެ މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވިއެވެ.
އެމްއެންޑީއެފްއިން ބުނީ، އެ މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިން ކަމަށެވެ. ޓީމުގެ މެނޭޖަރަކީ ލެފްޓިނަންޓް މުޙައްމަދު ނީވީންއެވެ. އަދި އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވަނީ ކާނަލް މުހައްމަދު ނާޒިމެވެ.
މިކަމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމަކުން 24 ޓީމު ބައިވެރިވި މި މުބާރާތަކީ އަހަރަކު އެއްފަހަރު ބާއްވާ، ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި ޢަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ޙާލަތުގައި ޓެސްޓު ކުރާ މުބާރާތެއް ކަމަށެވެ.
އަދި އެ ޓީމުން ރަން މެޑަލް ހާސިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“ދިވެހި ސިފައިންނަށް ހޫނު މަރުޙަބާއެއް ކިޔާ، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން،“. ރައީސް ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން ބުނީ، ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ ”ޕެޓްސް ކޮމްޕެޓިޝަން“ އަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެއް ކަމަށެވެ.
އެގޮތުން އެ މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.



