ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުމަށްޓަކައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ މި ބިލު ދިރާސާކޮށް ނިންމާފައެވެ.
ކޮމިޓީން ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން ސިޔާސީ ޕާޓީތަކާ ވެސް ކޮމިޓީން ބައްދަލުކޮށްފައިވެއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުމަށް ކަނޑައެޅުމެވެ. މީގެ އިތުރުން މަޖިލީހުގެ ދައުރު ގުނާނެ އުސޫލަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން މަޖިލީހުގެ އުމުރަކީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ކަނޑައެޅުމާއި، އައު މަޖިލީހުގެ ފުރަތަމަ ޖަލްސާ ވެސް ޑިސެމްބަރު އެކެއްގައި ބާއްވާ ގޮތަށް ވަނީ ހިމަނާފައެވެ.
މި އިސްލާހާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއް ކަމަށެވެ.
ނަމަވެސް މި ބަދަލަކީ ގާނޫނުއަސާސީއަށް ގެނެވޭ ބަދަލަކަށްވާތީ، މަޖިލީހުން ފާސްކުރުމަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ނަގަން ޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.


