ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު މާދަމާއިން ފެށިގެން ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި، އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.
މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން އެކަނި ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން، މި އިންތިޚާބުގައި ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން އެހެން ތަނެއްގައި ވޯޓުލާން ބޭނުންނަމަ އަލުން ރީ-ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.
ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ ’ރީ-ރަޖިސްޓްރޭޝަން ޕޯޓަލް‘ ނުވަތަ ’މައި ޕޯޓަލް‘ މެދުވެރިކޮށް އޮންލައިންކޮށެވެ. ’ރީ-ރަޖިސްޓްރޭޝަން ޕޯޓަލް‘ މެދުވެރިކޮށް ހުށަހަޅާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި ފޮޓޯއެއް ހުށަހަޅަން ޖެހެއެވެ. ނަމަވެސް ’މައި ޕޯޓަލް‘ މެދުވެރިކޮށް ވެރިފައިޑް އީފާސް އެކައުންޓަކުން ހުށަހަޅާއިރު މި ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެއެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް 1414 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ ނުވަތަ އިންތިޚާބާބެހޭ މަރުކަޒަށް ވަޑައިގެން އެހީތެރިކަން ހޯދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ކޮމޮޝަނުން އިތުރަށް ބުނީ، މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ވީއާރު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު އައިޑީކާޑް ނަންބަރު ޖެއްސެވުމަށްފަހު 1414އަށް މެސެޖްކޮށްގެން ޗެކް ކުރެވޭނެކަމަށާއި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް ބަލާލެވޭނެކަމަށެވެ.



