ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މަރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދި މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ އިއްޔެ ”އެކްސް“ ގައި ވަނީ ނުރުހުމުގެ ގިނަ ޕޯސްޓުތަކެއް ރައީސް ޞާލިހަށް ކުރައްވާފައެވެ.
އެގޮތުން އިދިކޮޅު އެމްޑީޕީގެ ކެމްޕެއިނު ޖަލްސާއެއްގައި ރައީސް ޞާލިހު ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅުވައި މުސްތަފާ ވިދާޅުވެފައިވަނީ، ރައީސް ޞާލިހަކީ މުޅި ޤައުމު ހަލާކު ކޮށްލާފައި ވެރިކަމުން ފޭބި މީހެއް ކަމަށާއި ޚަޒާނާގެ ފޫކަހައިގެން ޤައުމު ދަވާލާފައި ހުރި ”ބޮޑު ވަގެއް“ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުގެ ރިޒާވް މިހާރު 1.2 ބިލިއަން ޑޮލަރުގައި ހުރީމަ ރައްޔިތުންނަށް ހަމަނޭވާ ލެވިއްޖެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވެސް މުސްތަވާ ވިދާޅުވިއެވެ.
”ތިއީ ދަން ޖައްސާ މަރަންޖެހޭ މީހެއް. ރައްޔިތުންގެ ފައިސާ ކެއުމަކީ ބަނޑަށް އަލިފާން އެޅުން. ލަދު ކޮބާ؟ މަ ކަހަލަ މީހެއް ވެރިކަމަށް ނައުމަކީ (ޞާލިހުގެ) ނަސީބު“ ރައީސް ޞާލިހަށް ނުރުހުމުގެ އެހެން މެސެޖެއް އަމާޒުކުރައްވަމުން މުސްތަފާ ވިދާޅުވިއެވެ.
މީގެއިތުރުން މުސްތަފާ ވިދާޅުވެފައިވަނީ މިއީ ޗައިނާ ކަހަލަ ޤައުމެއްނަމަ ރައީސް ޞާލިހާއި އެމަނިކުފާނުގެ ”ބައިވެރިން“ ކަމަށްވާ ހައުސިންގް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް މަރާނެ ކަމަށެވެ.



