މީހެއްގެ ކާރެއް ވަގަށް ނެގި މީހަކު ޖަލަށްލާން މިދިޔަ ހަފުތާގައި ހުކުމްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ޖަލު ހުކުމެއް އިއްވާފައިވަނީ ށ. ޅައިމަގު، ލައިޓްރޯސް / މުހައްމަދު އިރުފާންގެ މައްޗަށެވެ.
އެއީ، މިދިޔަ އަހަރުގެ ނޮވެންބަރު މަހު މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ކާރެއްގެ ރިމޯޓް ވަގަށް ނަގައިގެން، ހެންވޭރު ކޮޅުގައި ޕާކުކޮށްފައި އޮތް ކާރެއް ވަގަށް ނެގި މައްސަލައިގައެވެ.
މި މައްސަލައިގައި ދައުލަތުން އިރުފާނުގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާއަށް އިރުފާންވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. ޝަރިއަތުގައި އިއުތިރާފުވެ، ދައުލަތާ އެކު އިރުފާން ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު އޭނާގެ މައްޗަށް އިއްވި އަދަބުވަ ނީ ލުއިކޮށްދީފައެވެ.
މި މައްސަލައިގައި އަސާސީ އަދަބެއްގެ ގޮތުން އިރުފާނަށް އޮތީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، އިއުތިރާފު އެއްބަސްވުމާ އެކު އަދަބުވަނީ ހަތް މަހާއި 15 ދުވަހަށް ލުއިކޮށްދީފައެވެ.




