މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، އެއްވެސް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފައިމިވަނީ، އެއްވެސް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވެސް ބަދަލެއް ނުގެނެސް އިއްޔެ އެ އިސްލާހު ފާސްކޮށްފައި ވަނިކޮށެވެ.
އެންމެ ފަސް މިނެޓުން ނިންމާލި އެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް، ބަދަލެއް ނުގެނެސް، އެ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އިސްލާހު ފާސްކޮށްފައެވެ. އެހެންކަމުން މިއަދު އޮތީ މި އިސްލާހަށް ވޯޓަށް އެހުމެވެ.
ރިޔާސަތުން ވޯޓަށް އެހުމަށް ފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ ރިޔާސަތަށް ވެސް މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވޭ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސްވެސް ވަނީ މިއަދު ވަނީ މި އިސްލާހަށް ވޯޓުލައްވާފައެވެ.
ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ވޯޓާއެކު މި އިސްލާހުވަނީ މިއަދު ވަނީ ފާސްކޮށްފައެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ޤާނޫނުއަސާސީއަށް މިދިޔަ ޖަނަވަރީ މަހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.
މިއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާހު ހުށަހެޅުއްވިއެވެ.
ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ޖުލައި 7، 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.



