ކުރިއަށް އޮތް ރަމަޟާން މަހު ފެމިލީ ކޯޓުގެ ރަސްމީ މަސައްކަތު ގަޑިތަކާއި ކައިވެނި ކޮށްދޭނެ ވަގުތުތައް އެ ކޯޓުން މިއަދު އާންމުކޮށްފިއެވެ.
ކޯޓުން ބުނި ގޮތުގައި ރަމަޟާން މަހުގެ ރަސްމީ ދުވަސްތަކުގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.
ރަމަޟާން މަހު ކޯޓުގައި ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 އިން ފެށިގެން 16:30 އަށެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ 21:45 އިން ފެށިގެން 22:45 އާ ދެމެދު ކަމަށް ފެމިލީ ކޯޓުން މައުލޫމާތު ދެއެވެ.
ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިތަކާ ގުޅޭގޮތުން ފެމިލީ ކޯޓުން ބުނީ، ހުކުރު ދުވަސް ފިޔަވައި ހަފްތާގެ އެހެން ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ މެންދުރުފަހު 14:00 އިން 16:30 އަށް އަދި ރޭގަނޑު 21:45 އިން 22:45 އަށް ކަމަށެވެ.
ހުކުރު ދުވަހު ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރޭގަނޑުގެ ވަގުތުގައެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭގަނޑު 21:45 އިން 22:45 އަށް ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް ރަޖިސްޓްރީ ކޮށްދޭނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.




