ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ފަހި ފްލެޓުތައް ލިބުނު މީހުން އެ ޓަވަރުތަކުގެ ތިރިއަށް އަޅާފައިވާ ގިނަ އަދަދެއްގެ ކުނި، އެފްޑީސީއާއި ވެމްކޯ ގުޅިގެން ނަގައި އެ ސަރަހައްދު ސާފުކޮށްފިއެވެ.
އެފްޑީސީން މިއަދު ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، ”އަމާން ދޯދި“ މަޝްރޫއުގެ ދަށުން ބިނާކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް 460 ޓަނުގެ ކުނި ވަނީ ނަގާފައެވެ. މިއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެފްޑީސީން ބުނީ ފްލެޓުތަކަށް ބަދަލުވާއިރު އުކާލަންޖެހޭ ކަރުދާސް ފޮށި ފަދަ ބޮޑެތި ކުނި އުކާލުމަކީ އެ ތަނެއްގައި ދިރިއުޅޭ ބަޔަކު އަމިއްލައަށް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ ތަކެތި ޓަވަރުތަކުގެ ގާބެޖު ރޫމްތަކާއި އާންމު ސަރަހައްދުތަކުގައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ހަނދާންކޮށްދީފައިވެއެވެ.
”މީގެފަހުން، ކުނި އަޅާ ފަރާތްތަކަށް އެފްޑީސީގެ އުސޫލުގެ ދަށުން ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިގެންދާނެ. ވީމާ، އަޅުގަނޑުމެން ދިރިއުޅޭ މާހައުލަކީ ސާފުތާހިރު އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ބެލުމަކީ އެންމެންގެވެސް ޒިންމާއެއް،“ އެފްޑީސީން އާންމުކުރި ވީޑިއޯގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ހޮނިހިރު ދުވަހު ސާފުކުރި ތަންތަނަށް އަނެއްކާވެސް ކުނި އަޅާފައިވާ ކަމަށެވެ. މިއީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ހަމްދާން ވިދާޅުވީ އެގްރިމެންޓާ ހިލާފަށް ކުނިއަޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ.
އެފްޑީސީން ވަނީ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުނި އުކާލުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ސާފު ވެއްޓެއް ގާއިމުކުރުމަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.



