ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ފަލަސްޠީންގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާއްމުގައި، އިންސާނާގެ ހަށިގަނޑު ވިރިގެން ފައިބާފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކުރަމުންދާކަން ހާމަވެއްޖެއެވެ.
އަލްޖަޒީރާ ނޫހުން ހިންގި ތަޙުޤީޤަކުން ހާމަވިގޮތުގައި، 2024ވަނަ އަހަރުގެ އޯގަސްޓު މަހު ޣައްޒާގައި ހުންނަ ސްކޫލަކަށް ދިން ލާއިންސާނީ ޙަމަލާގައި މިފަދަ ހަތިޔާރު ބޭނުންކޮށްފައިވެއެވެ.
އެ ޙަމަލާގައި ޝަހީދުވި މީހުންގެ ހަށިތައް އެކީގައި ވިރިގެން ފައިބާފައިވާ ކަމަށާއި، މުޅި ސަރަޙައްދުގައި އޮތީ ލެޔާއެކު ވިރިފައިވާ ހަށިގަނޑުގެ ބައިތައް ކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބުނެފައިވެއެވެ.
ޣައްޒާގެ މަދަނީ ދިފާޢީ އިދާރާގެ ތަރުޖަމާނު މަޙްމޫދު ބަޞަލް ވިދާޅުވީ، އެ އިދާރާއިން މި މަޢުލޫމާތު އެއްކޮށްފައިވަނީ ޙަމަލާދިން ތަންތަނަށް ގޮސް ހިންގި ތަޙުޤީޤުތަކުން ކަމަށެވެ.
އަސްކަރީ މާހިރުން ވިދާޅުވާ ގޮތުގައި، ޔަހޫދީން ބޭނުންކޮށްފައިވަނީ 3,500 ޑިގްރީ ސެލްސިއަސްގެ ހޫނުމިން އުފައްދާ ތަރމަލް ނުވަތަ ތަރމަބެރިކް ބޮމެވެ. މި ބޮމުގެ ހޫނުމިން މަތިކޮށް ގިނަ ވަގުތު ހިފެހެއްޓުމަށްޓަކައި އެލުމީނިއަމް، މެގްނީޒިއަމް އަދި ޓައިޓޭނިއަމް ފަދަ ކެމިކަލްތައް އެއްކުރާ ކަމަށް ރަޝިޔާގެ އަސްކަރީ ތަޖުރިބާކާރަކު ބުނެފައިވެއެވެ.
”ހަށިގަނޑުގައި 80 އިންސައްތައާ ހަމައަށް ފެން ހުންނައިރު، އެފަދަ ގަދަ ހޫނަކަށް ހަށިގަނޑު ހުށަހެޅުމުން، މުޅި ހަށިގަނޑުގެ އެތެރެއިން ކެކި، ގުނަވަންތަކާއެކު މުޅި ހަށިގަނޑު އެތެރެއިން ވިރިގެން ފައިބަނީ“. ޣައްޒާގެ ސިއްޙީ ވުޒާރާގެ ޑިރެކްޓަރު ޑރ. މުނީރު އަލް ބުރްޝް ވިދާޅުވިއެވެ.
2023 އޮކްޓޯބަރުން ފެށިގެން ޣައްޒާގައި 72,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރެއިން 2,800 މީހުން ޝަހީދުވެފައިވަނީ މި ނުރައްކާތެރި ހަތިޔާރުގެ ޝިކާރައަކަށް ވެގެންނެވެ. ޣައްޒާގައި މަނާކޮށްފައިވާ ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމުގެ ކަންބޮޑުވުން މީގެ ކުރިން ވެސް ފާޅުކޮށްފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލުކުރާ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި، މިކަމުގެ ޒިންމާ ޔަހޫދީންނަށް މިފަދަ ހަތިޔާރު ފޯރުކޮށްދޭ އެމެރިކާ ފަދަ ހުޅަނގުގެ ޤައުމުތަކުން ނަގަންޖެހޭނެއެވެ.



