ސައުދީ އަރަބިއްޔާއަށް ކުރިމަތިވެފައިވާ ހަނަފަސްކަމުން ސަލާމަތްވުމަށް އެދި، އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި އަންނަ ބުރާސްފަތި ދުވަހު އިސްތިސްގާ ނަމާދު ކުރުމަށް ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދު އަމުރުކުރައްވައިފިއެވެ.
ސައުދީ ރޯޔަލް ކޯޓުން ނެރުނު ރަސްމީ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހު މުޅި ގައުމުގައި އިސްތިސްގާ ނަމާދު ކުރިއަށް ގެންދިއުމަށް ރަސްގެފާނު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
މި ނަމާދަކީ ވާރޭ ނުވެހި ގިނަދުވަސްވެ، ހަނަފަސްކަން ބޮޑުވާ ހާލަތްތަކުގައި މާތްﷲގެ ހަޟްރަތުން ވާރޭއަށް އެދި ކުރާ ދެ ރަކުއަތުގެ ސުންނަތް ނަމާދެކެވެ.
ރަސްގެފާނުގެ ބަޔާނުގައި ވަނީ، މި ދަނޑިވަޅުގައި މާތްﷲގެ ހަޟްރަތަށް ތައުބާވެ، ފާފަ ފުއްސެވުމަށް އެދި ދުއާކޮށް، އިސްތިޣްފާރު ކުރުން ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ހަމައެއާއެކު، ހެޔޮ އަމަލުތައް ކުރުމާއި، އެކަކު އަނެކަކަށް އިހްސާންތެރިވުމުގެ އިތުރުން ސުންނަތް ނަމާދުތައް ކުރުން އިތުރުކުރުމަށްވެސް ބާރުއަޅުއްވާފައިވެއެވެ. މީގެ އިތުރުން، މާތްﷲގެ ރަހްމަތުން ބަރަކާތްތެރި ވާރޭ ވެއްސަވައިދެއްވައި، ގައުމަށް އާރޯކަން ދެއްވުން އެދި ދުއާކުރުމަށް ރަސްގެފާނު އެދިވަޑައިގެންފައިވެއެވެ.
ސައުދީ އަރަބިއްޔާއަކީ އާންމުކޮށް ހަނަފަސް ދުވަސްވަރުތަކުގައި މިފަދައިން އިސްތިސްގާ ނަމާދު ގާއިމުކުރާ ގައުމެކެވެ.



