މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން އަންނަ އަންގާރަ ދުވަހުގެ ރޭ އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހާމަކޮށްފިއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ.
ޑީޖޭއޭ އިން ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ނަމަ، މާލޭގެ ކޯޓެއްގެ ޤާޒީއެއްގެ ކުރިފުޅު މަތީގައި އަދި އަތޮޅުތެރޭގެ ރަށެއްގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅި މަތީގައި ހެކިބަސް ދެވޭނެއެވެ.
މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައި ނަމަ، އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ހެކިބަސް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ހަނދު ފެނިގެން އެ މައުލޫމާތު ހިއްސާކުރާއިރު، ހަނދު ހުރި އުސްމިނާއި، މިސްރާބު ފަދަ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭން ޖެހެއެވެ. ޑީޖޭއޭ އިން ބުނި ގޮތުގައި ހަނދު ފެނިގެން ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ދިއުމުގެ ހަރަދު އެ އިދާރާއިން ހަމަޖައްސައިދޭނެއެވެ.
ޑީޖޭއޭއިން ބުނިގޮތުގައި ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކުގެ އިތުރުން އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.



