މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މަދީނާގައި ތިބި ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި 24 ދަރިވަރުން ބައިވެރިވިކަމަށެވެ. އަދ އެ ދަރިވަރުން ބޭނުންވާ ކަންކަމާއި, އެކުދިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރެއްވި ކަމަށެވެ.
ރައީސް އޮފީހުން ބުނީ، މިއަދު ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެ ދަރިވަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އަދި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށެވެ.
މިއަދުގެ މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދުވެސް ބައިވެރިވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު މަދީނާއަށް ކުރައްވާ ދަތުރުފުޅަކީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ މެހެމާންދާރީގައި، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ.




