ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްކޭސް ނުނަގާ މީހުންނަށް މުލަރޯދަގެ ނިޔަލަށް ލިބޭނެކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރޯދަ ހަދިޔާއަށް ދޭ މަސްދަޅޫ ކޭސް ބަހަން މާލޭ ސަރައްހައްދުގައި ފެށީ މިދިޔަ ޖެނުއަރީ މަހުގެ 24 ގައެވެ. އެގޮތުން މާލޭގެ 15 ސަރަހައްދަކުން މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެ ތަންތަނުން މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ރޭ ވަނީ ނިންމާލާފައެވެ.
މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލި ނަމަވެސް އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް މުލަ ރޯދަ ދުވަހާ ހަމައަށް މަސްދަޅު ކޭސް ލިބޭނެކަމަށެވެ. އަދި ދެން މަސްދަޅު ކޭސް ދޫކުރުމުންދާނީ މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8.30 ން 11.00 އަށް ކަމަށް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ.
ރޯދަމަހަށް ހާއްސަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މި އަހަރު 118،773 ގޭބީސީއަކަށް މަސް ކޭސް ބަހާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ، އަތޮޅުތަކުގެ ރަށްތަކުގެ 56،918 ގޭބީސީއާއި މާލެ ސަރަހައްދުގައި ހިމެނޭ 61،755 ގޭބީސީއެކެވެ.



