މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ހުރި ބިމުގައި އަލަށް ތަރައްޤީކުރާ ޒަމާނީ މިސްކިތުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މ. މުއިވެޔޮދޮށުގެ ނުވަތަ ބޮޑުގެ ހުރި ބިމުގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
މިނިސްޓްރީން ބުނިގޮތުގައި، އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން ބިނާކުރާ 1300 މީހުންގެ ޖާގައިގެ މި މިސްކިތުގައި މިހާރު ކުރިއަށްދަނީ ބީމް ޝަޓަރިންގ މަސައްކަތްތަކާއި، ސްލެބް ޝަޓަރިންގ އަދި ބީމް ރީއެންފޯސްމަންޓް ތައްޔާރުކުރުމުގެ މަސައްކަތްތަކެވެ. އަދި ބީމް އާއި ސްލެބް ކާސްޓިންގ މަސައްކަތް މި މަހުގެ 22 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.
މާފަންނު ބޮޑުގެ ބިމުގައި ބިނާކުރަނީ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްޤީކުރެވޭ 4 ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ. އެގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދުކުރާ ބަޔާއި، ވުޟޫކުރާ ސަރަޙައްދު އަދި ފާޚާނާބަރި ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، މެޒެނީން ބައި ޚާއްޞަކޮށްފައިވަނީ އަންހެނުން ނަމާދުކުރުމަށެވެ. މީގެ އިތުރުން ފުރަތަމަ ބުރީގައި ނަމާދުކުރާ ބަޔާއި އިޢުތިކާފް ސަރަޙައްދެއް ހިމެނޭއިރު، މިސްކިތުގެ ޓެރަސްވެސް ތަރައްޤީކުރަނީ ނަމާދުކުރެވޭ ގޮތަށެވެ.
މި އިމާރާތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަމާނީ ކްލާސްރޫމްތަކާއި ލައިބްރަރީއެއްގެ އިތުރުން އެޑްމިން އޮފީހެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތް ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހައަށް ލިފްޓު ހަރުކުރުމުގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭނެ އިންތިޒާމާއި އެފަދަ ފަރާތްތަކަށް ޚާއްޞަ ފާޚާނާއާއި ވުޟޫކުރާ ބައިވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ.
ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ އަމިއްލަ ފަރާތްތަކަކުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.



