ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުމާއި، ބޭރަށް ހިންގުމުގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ ޖެނުއަރީ 11 އިން ފެށިގެން 31ގެ ނިޔަލަށް ރިޕޯޓްކޮށްފައިވާ ކޭސްތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާގެ ކޭސްތަކެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 21،993 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
ދެވަނަ އަށް އެންމެ ގިނައީ ބޭރަށް ހިންގުމުގެ ކޭސްތަކެވެ. އެމުއްދަތުގައި ބޭރަށް ހިންގުމުގެ 5621 ކޭސް ރިޕޯޓުކޯށްފައިވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ޑެންގީ ކޭސްތައްވެސް ވަނީ އިތުރުވެފައެވެ. ޖެނުއަރީ 11 އިން ފެށިގެން 31ގެ ނިޔަލަށް 359 ޑެންގީ ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
މި ތަފާސް ހިސާބުތައް ނަގާފައިވާ ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްފަހު ސްކޫލްތައް ހުޅުވުނު ދުވަސްވަރެވެ. މި ދުވަސްވަރު އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރޭގައި ރޯގާތަކާއި، އިންފްލުއެންޒާ އަދި ޑެންގީހުމާއި، ބޭރަށް ހިންގުން ފަދަ ބަލިތައް ހިމެނޭ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.



