ރޯދަ ހަދިޔާގެ ގޮތުގައި މާލޭ ސަރަޙައްދުގައި 53،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށް ސިޓީތަކާބެހޭ މިނިސްޓްރީން ބުނެފިއެވެ.
މާލޭ ސަރަޙައްދުގައި މަރުކަޒުތަކުން މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ރޭގައި ވަނީ ނިންމާލާފައެވެ. އެގޮތުން ރޭގެ ނިޔަލަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކަށް 53،308 މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މަރުކަޒުތަކުން ރޯދަ ހަދިޔާ ދޫކުރުން ނިންމާލި ނަމަވެސް މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ ފިހާރައިން ރޭގަނޑު 8:30 ން 11:00 އަށް މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި 15 ތަނެއްގައި މަސްދަޅުކޭސް ބެހުމުގެ މަސައްކަތް ވަނީކޮށްފައެވެ. ރޯދަމަހަށް ޚާއްސަކޮށްގެން ގޭބިސީތަކަށް މިފަހަރުވެސް ބެހީ 48 ދަޅުގެ މަސްދަޅު ކޭހެވެ.




