މިފެށޭ ރަމަޟާން މަހު، ދިވެހިން އާންމުކޮށް ކައުމަށް ބޭނުން ކޮށްއުޅޭ ބާސްމަތީ ހަނޑުލުގެ ބާވަތްތައް ހިމެނޭހެން، ފިޠުރު ޒަކާތުގެ ގޮތުގައި ބައެއް ބާވަތްތަކުން ނަގާ އަގު އުފުލިއްޖެއެވެ.
ޒަކާތު ހައުސްއިން މިއަދު އާންމުކުރި އިއުލާނެއްގައި، ފިޠުރު ޒަކާތުގެ ގޮތުގައި މިފަހަރު ދައްކަންޖެހޭ ފައިސާގެ އަދަދުތައް ވަނީ އާންމުކޮށްފައެވެ.
އެއީ:
° އާދައިގެ ހަނޑޫ: 12 ރުފިޔާ
° ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
° ރަތް ހަނޑޫ: 96 ރުފިޔާ
° ބަސްމަތީ ހަނޑޫ އާދައިގެ: 77 ރުފިޔާ
° ބާސްމަތީ ހަނޑޫ މޮޅު: 109 ރުފިޔާ
° ބާސްމަތީ ހަނޑޫ އެންމެ މޮޅު: 136 ރުފިޔާ
° އާދައިގެ ފުށް: 10 ރުފިޔާ
° އާޓާ ފުށް: 75 ރުފިޔާ
އާދައިގެ ހަނޑުލާއި އާދައިގެ ފުށާއި އާޓާ ފުށުން ދައްކަންޖެހޭ ފައިސާގެ އަދަދު އެއްވަރެއްގައި ވަނީ ހިފެހެއްޓިފައެވެ. ތައިލެންޑުގެ ހުދު ހަނޑުލުން ދައްކަންޖެހޭ ފައިސާ މިދިޔަ އަހަރާ ބަލާއިރު ދަށްވެފައިވާއިރު، ބާކީ ހުރި ބާވަތްތަކުން ދައްކަންޖެހޭ ފައިސާ ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހާއި އަޅާބަލާއިރު މިއަހަރުގެ ރަމަޟާން މަހު ތައިލެންޑުގެ ހުދު ހަނޑުލުން ފިޠުރު ޒަކާތް ދައްކަންޖެހޭނީ ނުވަ ރުފިޔާ މަދުންނެވެ. ރަތް ހަނޑުލުން އިތުރަށް ދިހަ ރުފިޔާ، އާދައިގެ ބާސްމަތީ ހަނޑުލުން އިތުރަށް ތިން ރުފިޔާ، މޮޅު ވައްތަރުގެ ބާސްމަތީ ހަނޑުލުން އިތުރަށް ނުވަ ރުފިޔާ، އަދި އެންމެ މޮޅު ވައްތަރުގެ ބާސްމަތީ ހަނޑުލުން ތިން ރުފިޔާ އިތުރަށް ދައްކަންޖެހޭ ކަމަށް، ޒަކާތު ހައުސްގެ އިއުލާނުގައިވެއެވެ.
މި އަހަރު ވެސް ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނެއެވެ. ނަގުދު ފައިސާއިން ބަލައިގަންނާނީ މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުންނެވެ. ރަށްރަށުގައި ނަމަ ރަށްރަށުގެ ކައުންސިލުތަކުންނެވެ.



