އެމެރިކާގެ ޓައިމް ނޫހުން އެކުލަވާލި ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ހިމަނާފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެ މަނިކުފާނަށް މަރުހަބާ ކިޔައިފިއެވެ.
ޓައިމް ނޫހުން އެކުލަވައިލި ސިއްހީ ދާއިރާ އިން މި އަހަރުގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު ހިމަނާފައިވަނީ އާންމު ސިއްހަތުގެ ދާއިރާ އަށް އެ މަނިކުފާނު ދެއްވާ އިސްކަމާއި ސަމާލުކަމާ ގުޅިގެންނެެވެ.
އެހެންކަމުން، ރައީސަށް ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ޑަބްލިއުއެޗްއޯ އިން ކުރި ޕޯސްޓެއްގައި މިއަދު ބުނީ ސިއްހީ ދާއިރާގައި އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު ހިމެނުމަކީ ބަލިތަކުން ދުރާލައި ރައްކާތެރިވުމާއި އާންމު ސިއްހަތާ ގުޅޭ ކަންކަން ކުރިއަރުވަން އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުގެ އަގުވަޒަންކުރުން ކަމަށެވެ.
އެގޮތުން ސިއްހަތާއި އާންމުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތްތައް ޓައިމް ނޫހުގެ ލިސްޓުން ދައްކުވައިދޭ ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.
އެ ޖަމާއަތުން ބުނީ ޔުނިވާސަލް ހެލްތު ކަވަރޭޖާއި އެންމެންނަށް ސިއްހީ ރައްކާތެރިކަން ހޯދައިދިނުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމަށެވެ.




