އިއްޔެ ބަންގްލަދޭޝްގައި ބޭއްވި އެގައުމުގެ 13 ވަނަ އާންމު އިންތިހާބު، އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކޮށްފިއެވެ.
މި އިންތިހާބުގައި ބީއެންޕީގެ ޗެއާމަން އަދި ޚާލިދާގެ ދަރިކަލުން ތާރިގް ރަހްމާން ވާދަކުރެއްވި ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވާއިރު، އޭނާ ވެވަޑައިގަންނަވާނީ އެ ގައުމުގެ އާ ބޮޑުވަޒީރަށެވެ.
ރޭގެ ވަގުތެއްގައި ބީއެންޕީގެ އިސް ލީޑަރު ރާހުލް ކަބީރް ރިޒްވީ ވަނީ ޕާޓީގެ ކާމިޔާބީ އިއުލާނުކުރައްވައި ބަޔާނެއް ދެއްވާފައެވެ. އެ ބަޔާނުގައި އޭނާ ވަނީ ޕާޓީގެ މެންބަރުން އުފާފާޅުކުރުމަށް މަގުތަކަށް ނުކުތުމުގެ ބަދަލުގައި، މިއަދުގެ ހުކުރު ނަމާދުގައި މި ކާމިޔާބީއަށްޓަކައި ޝުކުރު އަދާކުރުމަށް ގޮވާލައްވާފައެވެ.
ރޭ ރާއްޖޭ ގަޑިން ފަތިހު 5:00 އާ ހިސާބަށް ސާފުކުރި ނަތީޖާތަކުން ދައްކާގޮތުގައި، ބީއެންޕީން ވަނީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ކަމަށްވާ 150 ގޮނޑިއަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. ބަންގްލަދޭޝްގެ ޖުމްނާ އެންޑް ސޮމޯއީ ޓީވީން ރިޕޯޓްކުރި ގޮތުގައި ބީއެންޕީއަށް މިހާތަނަށް 197 ގޮނޑި ލިބިފައިވެއެވެ. ޖަމާއަތު އިސްލާމީ އިސްވެ އޮތް ދީނީ ޕާޓީތަކުގެ އިއްތިހާދަށް ލިބިފައިވަނީ 63 ގޮނޑިއެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ އަދި އިއުލާނުކޮށްފައި ނުވާއިރު، ވޯޓުލުން ބޭއްވި 299 ދާއިރާގެ ވޯޓު ގުނުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. މީގެ އިތުރުން އަންހެނުންނަށް ހާއްސަކޮށްފައިވާ 50 ގޮނޑިއަށް ޕާޓީތަކުން ކަނޑައަޅާ ނަންތައް ކުރިއަށް އޮތް ތަނުގައި އިއުލާނުކުރާނެއެވެ.
ބީއެންޕީގެ އިލެކްޝަން ކޮމިޓީގެ އޮފިޝަލް މަހްދީ އަމީން ވިދާޅުވީ، އެ ޕާޓީން މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި ގޮނޑި ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އާ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ އުމުރުން 60 އަހަރުގެ ތާރިގް ރަހްމާން ވަނީ ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި ބީއެންޕީ ނިކަމެތިކޮށްލި ނަމަވެސް، އަލުން ވެރިކަމަށް އަންނާނެ ކަމަށް ކުރިންވެސް ވިދާޅުވެފައެވެ.
މި އިންތިހާބާ ހަމައަށް ގައުމުގެ ކަންކަން ބަލަހައްޓަވާފައިވަނީ ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސްގެ ބެއްލެވުމުގެ ދަށުންނެވެ. ޔޫނުސްގެ ސަރުކާރުން ވަނީ ހަސީނާގެ އަވާމީ ލީގު މި އިންތިހާބުގައި ވާދަކުރުން މަނާކޮށްފައެވެ.




