ދެކުނު އެފްރިކާގައި އިތުރުވަމުންދާ ގޭންގް މާރާމާރީތަކާއި ކުށްތައް ހުއްޓުވުމަށް ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން އެގައުމުގެ އަސްކަރިއްޔާ ނެރުމަށް ނިންމާފައިވާކަން ރައީސް ސީރިލް ރަމަފޯސާ އިޢުލާނު ކުރައްވައިފިއެވެ.
އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ރައީސް ރަމަފޯސާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސްޓާން ކޭޕާއި ގައުޓެން ސަރަހައްދުގައި ހިންގާ ގޭންގް މާރާމާރީތަކާއި ގަވާއިދާ ހިލާފަށް މައިން ކުރުން ހުއްޓުވުމަށް ސަލާމަތީ ބާރުތައް ބޭތިއްބުމުގެ ޕްލޭނެއް އެކުލަވާލުމަށް ފުލުހުންނާއި އަސްކަރިއްޔާގެ އިސްވެރިންނަށް މިހާރު އަންގާފައިވާ ކަމަށެވެ.
ރައީސް ރަމަފޯސާ ފާހަގަކުރެއްވި ގޮތުގައި، ރޭވިގެން ހިންގާ ކުށްތަކަކީ އެގައުމުގެ ޑިމޮކްރަސީއަށާއި، އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.
އެގައުމުގެ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ގޭންގްތަކުން ހިންގާ ނުރައްކާތެރި މާރާމާރީތަކުގެ ތެރޭގައި ކުށެއް ނެތް ތުއްތު ކުދިން ތާށިވެ، ފުރާނައަށް ނުރައްކާވަމުންދާ ކަމަށެވެ. އަދި ގައުޓެން ސަރަހައްދުގައި ގަވާއިދާ ހިލާފަށް މައިން ކުރާ ފަރާތްތަކުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބިރުދައްކައި ގަދަބާރުން ގެތަކުން ބޭރުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ސައުތް އެފްރިކަން ނޭޝަނަލް ޑިފެންސް ފޯސް ނެރޭނެކަން ކަށަވަރުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ސިފައިންގެ މައިގަނޑު މަގްސަދަކީ ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިވެ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުން ކަމަށެވެ.
ދެކުނު އެފްރިކާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން މީހުން މެރުމުގެ ހާދިސާތައް ހިނގާ އެއް ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގްތަކުގެ މެދުގައި ހިނގާ ކުރިމަތިލުންތަކާއި، ބަޑިޖެހުމުގެ ހާދިސާތަކުގެ އިތުރުން ގަވާއިދާ ހިލާފަށް މައިންކުރުމުގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 60 އެއްހާ މީހުން މަރުވެއެވެ.
ކުށްކުރުން ހުއްޓުވުމަށް އަޅާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، 5،500 ފުލުހުން އަލަށް އެކި ސަރަހައްދުތަކަށް އައްޔަން ކުރުމާއި، އިންޓެލިޖެންސް ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރުން ހިމެނެއެވެ.
މީގެ އިތުރުން ބޮޑެތި ކުށްތައް ކުރާ ގޭންގްތައް ވަކިން ފާހަގަކޮށް، އެފަރާތްތަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގުމަށް ވެސް ވަނީ ނިންމާފައެވެ.



